news photo

ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށް ސަރުކާރުގެ ވަޒީރެއް- އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ހޫނު މަރުޙަބާއެއް

19 އޯގަސްޓު 2024

ސިޔާސީ ޕާޓިތައް އުފެދުނުފަހުން، ފުރަތަމަ ފަހަރަށް އައްޑޫސިޓީގެ އަވަށު އޮފީސްތަކަށް ސަރުކާރުގެ ވަޒީރަކު ޒިޔާރަތްކުރެއްވުމުން، އައްޑޫސިޓީގެ އަވަށްތަކުން، އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފިއެވެ. އަވަށު އޮފީސްތަކުގެ މުވައްޒަފުން ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އައްޑޫސިޓީއަށް މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އަވަށު އޮފީސްތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލު ކުރައްވައި، އޮފީހުގެ ކަންކަން ރަނގަޅުކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އައްޑޫސިޓީގެ ފޭދޫ އަވަށު އޮފީހުގެ މުވައްޒަފަކު މަޢުލޫމާތު ދިންގޮތުގައި 2008 ވަނަ އަހަރު މަލްޓި ޕާޓީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީއްސުރެ، ސަރުކާރުގެ އިސްވެރިއަކު ނުވަތަ ސަރުކާރުގެ ވަފުދެއްގެ މެންބަރަކު ވެސް އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހަކަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ.

އައްޑޫސިޓީގެ އަވަށްތަކަށް މިނިސްޓަރ ވަޑައިގަތުމަކީ ރައްޔިތުންނާ ގާތުން ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ހާމަވާ ކަމެއްކަމަށް އައްޑޫސިޓީގެ ހިތަދޫ އަވަށު އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ. އަވަށު އޮފީހަށް މިނިސްޓަރ ވަޑައިގަތުމުން މުވައްޒަފުން ތިބީ އުފަލުން ފޮޅިފައިކަމަށް މަރަދޫ އަވަށު އޮފީހުން ވާހަކަ ދެއްކެވި މުވައްޒަފަކު ވިދާޅުވިއެވެ.

އައްޑޫސިޓީގެ އަވަށު އޮފީސްތަކަށް ކުރެއްވި ޒިޔާރަތާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ދެންނެވުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރައްޔިތުންނާ ގާތުން ސަރުކާރު ހިންގުމުގެ ސިޔާސަތަކީ ރައްޔިތުންގެ ވިންދު ހުންނަގޮތް ވަރަށް ރަނގަޅަށް ސާފުވާ ސިޔާސަތެއް ކަމަށާއި ކުރިމަގުގައިވެސް އެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަވަށު އޮފީސްތަކަށް ޒޔާރަތް ކުރެއްވުމުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އަވަށު އޮފީސްތަކުން ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ސާފުވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް 2024" ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފި ސިޓިސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބަލް އާދަމް ޝަރީފު ޢުމަރު އައްޑުއަށް ވަޑައިގެންނެވީ މި ދިޔަ ހުކުރު ދުވަހުއެވެ. ހަފުތާ ބަންދުގައި އެ މަނިކުފާނު ހުންނެވީ އައްޑޫ ސިޓީގައެވެ. އެމަނިކުފާނު އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވެސް އަވަށު އޮފީސްތަކަށް ޒިޔާރަތް ކުރެއްވިއެވެ.