20 އޭޕްރީލު 2025
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރެކްރިއޭޝަން ކުލަބް ކަމުގައިވާ "ކުލަބް އެމްސީއެލްޕީ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ލޯގޯ އިފްތިތާޙްކޮށްދެއްވީ "އޮފީސް ލީގު 2025"ގައި ވާދަކުރާ އެ ކުލަބުގެ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ޖަރޒީ ޙަވާލުކުރުމަށް މި މަހުގެ 17 ވަނަ ދުވަހު، އެ މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. އެމްސީއެލްޕީގެ ލޯގޯ އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
ލޯގޯއާއި، ފުޓްސަލް ޓީމުގެ ޖަރޒީ ކިޓް އިފްތިތާޙްކޮށްދެއްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ޖަރޒީ ކިޓާއި، ލޯގޯގެ ފުރިހަމަކަމުގެ މައްޗަށް ތަޢުރީފުކުރައްވާފައި ވެއެވެ. އަދި އެ ފަރުމާތައް އެހައި ފުރިހަމައަށް މި މިނިސްޓްރީގެ މުވައްޒަފުން ކުރެއްވިކަން އެއީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.