news photo

ދެ ވަނަ ބުރުގެ ޖާގަ ހޯދުމަށް، ކުލަބް އެމްސީއެލްޕީއަށް ލިބޭ ފަހު ފުރުޞަތު މިރޭ!

25 އޭޕްރީލު 2025

މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި، ދެ ވަނަ ބުރުގެ ޖާގަ ހޯދުމަށް، ކުލަބް އެމްސީއެލްޕީއަށް ލިބޭ ފަހު ފުރުޞަތުގައި މިރޭ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމާ ކުޅޭ ގޮތަށް ވަނީ  ހަމަޖެހިއްޖެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅޭ މި މެޗު، ފެށުމަށް ހަމަޖެހިފައި ވަނީ 22.00 ގައެވެ. ފޯރިގަދަ ކުޅުމެއް މުބާރާތުގައި ދައްކަމުން އަންނަ ކުލަބު އެމްސީއެލްޕީން ގްރޫޕް ސްޓޭޖުގައި އެމްއައިބީއާއެކު ކުރިން ކުޅުނު މެޗު ވަނީ 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން ގްރޫޕު އެޗްން ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދާނީ، އެެމްއައިބީއާއި، އެމްސީއެލްޕީ މިރޭ ކުޅޭ މެޗު ކާމިޔާބުކުރާ ޓީމެކެވެ. ކުލަބު އެމްސީއެލްޕީގެ ކުޅުންތެރީންތިބީ މިރޭގެ މެޗް ކާމިޔާބުކޮށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރުމުގެ އުންމީދުގައެވެ. މެޗަށް ނުކުންނާނީ އެ އަޒުމުގައި ކަމަށް ކުޅުންތެރީން ހާމަކުރިއެވެ. 

ސަޕޯޓަރުންގެ ސަޕޯޓުގެ އަޑު މެދުނުކެނޑި މިރޭގެ މެޗުގައި ވެސް ދަނޑުބޭރުން އިއްވުމަށް މިހާރުން ފެށިގެން  ސަޕޯޓަރުން އަންނަނީ ތައްޔާރުވަމުންނެވެ. ސަޕޯޓަރުން ތިބީ، އެ ރޫޙުގައެވެ. ޓީމުގެ 6 ވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.