08 މޭ 2025
މާލެއަށް ދަތުރުކުރާ ބައެއް ބޯޓު ފަހަރުގެ ނެވިންނާއި، އޮޑިވެރިން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ނެވިންނާއި، އޮޑިވެރީން ވަނީ މާލޭ ބަނދަރު ބޭނުންކުރުމުގައި، އެ ފަރާތްތަކަށް ދިމާވާ ދަތިތައް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް، މަސައްކަތްކޮށްދެއްވުން އެދި މިނިސްޓަރގެ އަރިހުން އެ ފަރާތްތަކުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ބަނދަރުގައި އޮންނަ އޮޑިދޯނި ފަހަރަށް ކަރަންޓާއި، ފެން މިހާރަށް ވުރެ ފަސޭހަ އިންތިޒާމެއްގެ ތެރޭން ލިބޭނެ ގޮތް ވުމަށާއި، ތެޔޮ އެޅޭނެ ގޮތް ހަމަޖެހުމުގެ އިތުރުން އެއްގަމު ތޮށްޓާ ކައިރި ނުކުރެވި ކިޔޫގައި އޮންނަ މުއްދަތު މިހާރަށް ވުރެ ކުޑަވާނެ ގޮތް ހަމަޖެހިގެން ދިޔުމަށް އެ ފަރާތްތަކުން އެދިލެއްވިއެވެ.