17 މޭ 2025
ލާމަރުކަޒީ ނިޒާމު ނަގަހައްޓައިދިނުމުގައި އެލްޖީއޭއިން ކުރައްވަމުން އަންނަނީ ފަޚުރުވެރިވުން ޙައްޤު މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެލްޖީއޭގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑުދިނުމަށް ރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމަށް އެލްޖީއޭއިން ކުރައްވަމުން އަންނަ މަސައްކަތް، މުޅި ނިޒާމުގައި މަސައްކަތްކުރައްވަމުން އަންނަ އެންމެންވެސް ބަލައިގަންނަ ކަމަށެވެ. އަދި އެ ކަމަށް ޓަކައި އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
"އެލްޖީއޭގެ މުވައްޒަފުންގެ މެދުގައި އޮންނަ އިޚްލާޞްތެރިކަމާއި، މައްސަލަތައް ޙައްލުކުރުމުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރައްވާ މިންވަރު ވަރަށް ބޮޑަށް ފާހަގަކުރެވެ" މިނިސްޓަރ ވިދާޅުވިއެވެ.
2023 ވަނަ އަހަރު އެލްޖީއޭގެ ސްޓާފް އެވޯޑް ޙާޞިލްކުރެއްވި މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.