news photo

ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ބޮޑު އިސްކަމެއް ކީރިތި ޤުރުއާނަށް ދެއްވަމުން ދިޔުމަކީ، ޤުރުއާންނަށް އޮންނަ އަހަންމިއްޔަތުކަން އިތުރުވާނެ ކަމެއް

18 މޭ 2025

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު އިސްކަމެއް ކީރިތި ޤުރުއާނަށް ދެއްވަމުން ދިޔުމަކީ، ކީރިތި ޤުރުއާންނަށް އޮންނަ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ އިއްޔެ ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ. 

"ޚާއްޞަކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު ޚާއްޞަ އިސްކަމެއް ޤުރުއާނަށް ދެއްވައިގެން، އެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަން އެއީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް އިސްލާމްދީނާއި، ކީރިތި ޤުރުއާނަށް ހުންނަ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑުދެކެން" މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޕީއެސްއެމްގެ އުފެއްދުންތަކުގެ ތެރެއިން ކުޑަކުދިންގެ ޤުރުއާން މުބާރާތަކީ ރައްޔިތުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މަޤުބޫލުކަމެއް ދެވިފައިވާ ވަރަށް މުހިންމު މުބަރާތެއް ކަމަށް ވެސް ވިދާޅުވިއެވެ.