09 ޖުލައި 2025
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ މެންބަރުންނާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުން އޮތީ ސްޓެލްކޯގެ ޓްރޭނިންގ ރޫމުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ރަށުގެ ބަނދަރު މިހާރު ހެދިފައި އޮތްދިމާ ފިޔަވާ އެހެން ދިމާއަކަށް ބަދަލުކުރުމާ ބެހޭ ގޮތުންނެވެ. ސަބަބަކީ މިހާރު ބަނދަރު އޮތް ދިމާލުގެ ސަބަބުން ބަނދަރުގެ ފަސޭހަކަން ރައްޔިތުންނަށް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވުމެވެ. މީގެ އިތުރުން ރަށުގައި ހިނގަމުން އަންނަ ތަފާތު ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު މި ބައްދަލުވުމައި ކައުންސިލްގެ މެންބަރުން، މިނިސްޓަރާ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލްގެ ކަންތައް ވަރަށް ގާތުން މިނިސްޓްރީގެ ފަރާތުން ބައްލަވަމުން އަންނާތީ، ޚާއްޞަކޮށް ވިއްސާރާގައި އެ ރަށުގައި ފެންބޮޑުވި ޙާދިޘާގައި މިނިސްޓަރ ގުޅުއްވާ ރަށު ރައްޔިތުންގެ ޙާލުއަހުވާލު ބެއްލެވީތީ، އެ ކަމަށް ޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ މަޑުއްވަރީ ރައްޔިތުންގެ ނަމުގައި މިނިސްޓަރަށް ޝުކުރުއަދާކުރެއްވިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، މުލަަކަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމް ބައިވެރިވެވަޑައިނެވިއެވެ.