04 ޑިސެމްބަރު 2025
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަކީ އެތައް ގޮތަކުން ތަފާތު މިނިސްޓްރީއެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖޫމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށް ދެ އަހަރު ފުރުމާ ގުޅިގެން، މިނިސްޓްރީން ބޭއްވި ސްޓާފް އެވޯޑް ނައިޓް ޙަފުލާ 2025ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ތަފްޞީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސުރީލަންކާއަށް ކުރިމަތިވި ފެނުގެ ތޫފާނާ ގުޅިގެން ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވި ޓެލެތޯންގައި ވެސް އެއް މިނިސްޓްރީއެއް ފިޔަވާ އެންމެ ގިނަ ޢަދަދަކަށް ފައިސާގެ އެހީތެރިކަން ވެދެއްވި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ކަމަށެވެ. މީގެ އިތުރުން އެންމެން ގުޅިގެން އެކުވެރިކަމާ އެއްބައިވަންތަކަމާއެކު އެންމެ ރަނގަޅު ޕަރފޯމަންސެއް ދައްކަމުންދާ މިނިސްޓްރީއަކީ ވެސް ސިޓީސް މިނިސްޓްރީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖޫމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށް ދެ އަހަރު ފުރުމާ ގުޅިގެން ސިޓީސް މިނިސްޓްރީން ވަނީ، ޓީމް ބިލްޑިންގ ކުޅިވަރު ޙަރަކާތްތަކަކާއި، ބެޑްމިންޓަން މުބާރާތަކާއި، މުވައްޒަފުންގެ ޢާއިލީ ހަވީރެއްގެ އިތުރުން ފުޓްސަލް މުބާރާތަކާއި އަދި ހޭންޑްބޯލް މުބާރާތެއް ބާއްވާފައެވެ.
މުނިފުހިފިލުވުމުގެ ތަފާތު ޙަރަކާތްތަކާއެކު ރޭ ޢިމާދުއްދީން ސުކޫލް ހޯލުގައި ބޭއްވި "ސްޓާފް އެވޯޑް ނައިޓް ޙަފުލާ 2025"ގައި ސިޓީސް މިނިސްޓްރީގެ އެންމެހައި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.