01 ޑިސެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިތުރަށް މަސައްކަތްކުރުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 'ކާފު ފޯރަމް 2025' ނިމުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.
''އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން، މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ'' މިނިސްޓަރ ވިދާޅުވީ ކަންކަން ކުރިއަށް ގެންދާނީ ރަށްރަށުގެ ކައުންސިލުން އަދި ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދަވައި، ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކާފު ފޯރަމަކީ މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އަދި މިއީ ވަރަށް ބޭނުންތެރި ފޯރަމެއް ކަމަށެވެ.
މީގެ ކުރިން ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
''މަސައްކަތް ކާމިޔާބުކުރަން ބޭނުންވާނަމަ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑަށް ވަރަށް ބޮޑަށް ތަޖުރިބާކުރެވިގެންދޭ'' މިނިސްޓަރ ވިދާޅުވިއެވެ.
އެލްޖީއޭގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ އެ ކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށާއި، އެ މަނިކުފާނު ހުންނަވާނީ އެލްޖީއޭއާއެކު އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.