08 މާރިޗު 2026
މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ.
އެ ގޮތުން މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަފުލާއެއް ރޭ ވަނީ މިނިސްޓްރީގައި ބާއްވާފައެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވި މި ޙަފުލާގައި ތަފާތު 4 މައުޟޫޢަކަށް 4 ކަނބަލަކު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ދުވަހާ ގުޅޭ ޚާއްޞަ ކޭކެއް ފެޅުން މި ހަފުލާގައި އޮތެވެ.
ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި ޚާއްޞަ މެސެޖެއް މިއަދު މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިޢުކުރެވިފައި ވެއެވެ. މި މެސެޖުގައި ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސެވި ހަމަޖެއްސެވުމާއި އަދި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ކުރެވިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ޚާއްޞަ ވީޑިޔޯ މެސެޖެއް ވެސް މިނިސްޓްރީގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ޕޯސްޓްކުރުމަށް ވަނީ ތައްޔާރުކޮށްފައެވެ.