ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ރައީސް ކުރައްވާ މުހިންމު މަސައްކަތްޕުޅެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރަށްރަށުގެ ރައްޔިތުން ވަރަށް އުފާވާނެ އެރަށެއްގެ ރައްޔިތުންނަށް ނުވަތަ ކައުންސިލަށް ކަމަށް ވިޔަސް އަދި ރައްޔިތުންނަށް އޭގެ ނަފާލިބޭނެ ގޮތަށް ފަޅުރަށެއް އެރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެރަށެއްގެ ބަޔަކަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް އަދި އުފާވެރިކަންލިބިގެންދާނެ" މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަކީ އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަމަށާއި އަދި އެފަދަ ރަށެއް ލިބުމަކީ އެކި މަސައްކަތްކުރުމަށް އެރަށެއްގެ ބޔަަކަށް ލިބިގެން ދާނެ އިތުރު ފުރުސަތެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
"ކުރެވޭނެ ވަަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ފުރުސަތު އޮތްކަމެއް މިކަމަކީ މިއީ ރައީސުލްޖުމުހުރިއްޔާ ކައުންސިލްތަކަަށް ހުޅުވާލަދެއްވި ވަރަށް މުހިންމު ފުރުސަތެއް" ވަޒީރު ވިދާޅުވިއެވެ.
ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެރިކަން ފާޅުކުރި 3 ރަށުކަންސިލް އަކުން ހުށައެޅި ޕްރޮޕޯސަލްތައް މިއަދު ވަނީ ވަޒަންކުރުމުގެ މަސައްކަތް ނިންމާލާފައެވެ. އަދި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެކައުންސިލްތަކާއި ފަޅުރަށްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.