news photo

ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

12 އޭޕްރީލު 2025

ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، "ރަށްވެހިންގެ ސައްލާ"ގެ ނަމުގައި  އއ. އުކުޅަހުގައި ކުރިއަށްދާ  މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

މި ފޯރަމްގެ އިފްތިތާޙީ ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ރަށްވެހީންގެ ސައްލާ" ފޯރަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ފޯރަމެއްކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން މި ސައްލާއިން އެނގިގެންދާ ކަމަށެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ 3 ދުވަހު މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި، ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ފޯރަމް ފައްޓަވައި ދެއްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދާދިނުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރަން ކަމަށާއި، ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެއެވެ.