news photo

ރައްޔިތުން ބާރުވެރިކުރުވުމަށް ކައުންސިލްތަކުން ކޮށްފައި ހުރީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ!

12 އޭޕްރީލު 2025

ރައްޔިތުން ބާރުވެރިކުރުމަށްޓަކައި ކައުންސިލްތަކުން މިހާތަނަށް ކޮށްފައިވަނީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، "ރަށްވެހިންގެ ސައްލާ"ގެ ނަމުގައި  އއ. އުކުޅަހުގައި ކުރިއަށްދާ  މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

"ރަށްވެހިންގެ ސައްލާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ. 

އއ. އުކުޅަހުގައި ކުރިއަށް ގެންދާ "ރަށްވެހީންގެ ސައްލާ" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ އައު ނިޒާމެއް ނޫންކަމަށާ، އެހެންނަމަވެސް ލާމަރުކަޒީ ނިޒާމަށް  ޤާނޫނީ ބާރުވެރިކަން ލިބިގެން ދިޔައީ، ފެހި ގާނޫނޫ އަސާސީ ވުޖޫދުވެގެން އައިފަހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށް ޓަކައި މިހާތަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުން ބަލައި ގަންނަ ނިޒާމަކަށް މިއަދު ލާމަރުކަޒީ ނިޒާމު ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގިނަގުނަ މަސައްޕުޅުތަކެއް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އަންނަނީ ކުރައްވަމުންނެވެ. އެ ގޮތުން މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ފަޅުރަށް ހޯދައިދިނުމާ، ގްރީން ޓެކްސްގެ ފައިދާއިން ކޮންމެވެސް މިންވަރެއް ލިބޭ ގޮތް ވަނީ ހަމަޖައްސައި ދެއްވާފައެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އިދާރާ ޒަމާނީ ފެންވަރަށް ހައްދަވައި ދެއްވުމަށް ހިންގާ މަޝްރޫޢުތައް ފާހަގަކުރެވެއެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެއެވެ.