news photo

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައިފި

23 ޖެނުއަރީ 2025

ކިނޮޅަސް ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު ހެނދުނު، އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ. 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި  ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ކިނޮޅަސް ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ކިނޮޅަހުގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ. 

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ. 

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެން ދާނެއެވެ.