news photo

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް 4 ސިޔާސަތެއް ސަރުކާރުން ކަނޑައަޅުއްވާފައިވޭ: ވަޒީރު އާދަމް ޝަރީފު ޢުމަރު

27 ޖެނުއަރީ 2025

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް 4 ސިޔާސަތެއް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީ ގުޅިގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާ މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މުއައްސަސާތަކަކަށް ހެދުމާއި، ކައުންސިލްތަކާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ތެރޭން ފޯރުކޮށްދިނުމަކީ ވެސް ސިޔާސަތުގެ ތެރޭގައި ހިމެނިފައިވާ ކަމެއް" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރުދެއްކެވި ވާހަކަފުޅުގައި، ސިޓީސް މިނިސްޓްރީއަކީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާ، އަދި ނަމޫނާ ދައްކަވާ މުވައްޒަފުންތަކެއް ތިއްބެވި ވުޒާރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވުޒާރާގައި ތިއްބެވީ، ވަރަށް ފަރިތަ ބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރޭން މަސައްކަތްކުރުމަށް ކައުންސިލްތަކާ ވަރަށް ބަދަހި ގުޅުމެއް ވުޒާރާއިން މިއަދު ޤާއިމްކުރެވިފައިވާ ކަމަށެވެ. 

މީގެ ކުރިން ކައުންސިލަކަށް ނުވަތަ އޮފީހަކަށް ފަޅުރަށް ހޯދައިދިނުމުގެ އުޞޫލެއް ނުވަތަ ނިޒާމެއް ހަމަޖެހިފަ ނެތް އިރު، އެ ފަދަ ނިޒާމެއް ޤާއިމްކޮށް ކައުންސިލްތަކަށް ފަޅުރަށެއް ލިބުމަކީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުންވާ ހަރުދަނާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.