news photo

ކައުންސިލްތަކަކީ ނުވަތަ ކައުންސިލް އިދާރާތަކަކީ ލާމަރުކަޒީ ނިޒާމުގެ ފަށަލައެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު

28 ޖެނުއަރީ 2025

ކައުންސިލްތަކަކީ ނުވަތަ ކައުންސިލް އިދާރާތަކަކީ ލާމަރުކަޒީ ނިޒާމުގެ ފަށަލައެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީ ގުޅިގެން އިއްޔެ ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ސަރުކާރުގެ ފަރާތުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނެ ފަށަލައަކީ ކައުންސިލްތައް ނުވަތަ ކައުންސިލް އިދާރާތައް. އެކަން އަޅުގަނޑުމެން އެންމެން ވެސް ޤަބޫލުކުރަން އެބަޖެހޭ. ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި، ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ވެސް އެންމެ ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ ކައުންސިލްތަކުގެ އިދާރާ" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

އިއްޔެ ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒި ނިޒާމުގެ ޙަޤީޤީ މާނައިގެ މައްޗަށް ވެސް ވަރަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅޭ ގިނަ ޚިދުމަތްތައް، ރައްޔިތުންގެ ތެރެއިން ނިންމާ ގޮތްތަކެއްގެ މަތީން ރައްޔިތުންނާ އެންމެ ގާތުން ދެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުން ކަމަށެވެ. ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ ޕާސްޕޯޓް ޚިދުމަތާއި، އައިޑީ ކާޑު ޚިދުމަތް ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެވޭނެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި މިއަދު އެ ވަނީ، މި ނިޒާމުގެ ތެރޭން ކަންކަން ހަމަޖެހޭން ޖެހޭ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. 

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ ބޭނުން ކޮށްގެން މުނިސިޕަލް ޚިދުމަތްތައް ވެސް އެ ރަށަކުން އެ ރަށެއްގެ ރައްޔިތުންނަށް ދެވޭނެ ނިޒާމެއް ބައްޓަންކުރަމުން ދަނީ ވެސް ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ޤާނޫނީ ބާރު އެ ނިޒާމުގެ ތެރޭން ލިބިފައިވާކަން ކަށަވަރުކުރުމަށް ކަމަށް ވިދާޅުވިއެވެ.