28 ޖެނުއަރީ 2025
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރެއްވުމަށް، ކައުންސިލްތަކަށް ފަޅުރަށް ހޯއްދަވައި ދެއްވުމަށް ސިޓީސް މިނިސްޓްރީކޮށްދެއްްވާފައި ވަނީ ލާމަސީލު އަދި ނަމޫނާ މަސައްކަތްތަކެއް ކަމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވެއްޖެއެވެ. މާވަށު ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް އިއްޔެ ހެނދުނު ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީ ގުޅިގެން ބޭއްވި ރަސްމިއްޔާތަށް ފަހު ސަރުކާރުގެ މީޑިއާ ޕީއެސްއެމުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"މާވަށަށް މި ރަށް ލިބިގެން ދިޔުމުގަ އަދި އެހެން ކައުންސިލްތަކަށް ފަޅުރަށް ލިބިގެން ދިޔުމުގަ މިނިސްޓަރ އާދަމް ޝަރީފުގެ ދައުރު ވަރަށް ބޮޑު. އަދި މިނިސްޓްރީގެ ދައުރު ވެސް ވަރަށް ބޮޑު. އެ ބޭފުޅުން އަޅުގަނޑުމެންނަށް ނޭނގޭ ވަރަށް ގިނަ ކަންތައް ގާތުން ބައްލަވައިގެން މި ކަމަށް ހިތްވަރުދެއްވަ. މި މަސައްކަތްކުރުމަށް ވަރަށް ގިނަ ވަގުތުތައް ދެއްވި. ސީދާ މިނިސްޓަރު ވެސް ވަރަށް ގިނަ ވަގުތައް ދެއްވި. މި ރަށް މާވަށަށް ލިބުމުށް މަގުފަހިވެގެން ދިޔައީ އެހެންވެ" އަޙްމަދު މޫސާ ވިދާޅުވިއެވެ.
މާވަށު ކައުންސިލުގެ ރައީސް ޕީއެސްއެމަށް ދެއްވި މެސުޖުގައި ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަކީ، މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފެއްޓެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ހަމައެކަނި ރަށްތައް ދެއްވަނީ ނޫންކަމަށާ، ވަށައިޖެހޭ ގޮތަކަށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ފަޅުރަށް ލިބުމަކީ ރަނުގެ ފުރުޞަތެއް ކަމަށާ ބާކީ ހުރި ރަށްތައް ހޯދުމަށް އެހެން ކައުންސިލްތަކުން ވެސް މަސައްކަތްކުރެއްވުމަށް އަޙްމަދު މޫސާ އިލްތިމާސް ކުރެއްވިއެވެ.