20 ފެބްރުއަރީ 2025
މުނިސިޕަލް ޚިދުމަތް ދެވޭނެ ވަޞީލަތާއި މީހުންގެ ޤާބިލުކަން އުފައްދަން ޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޕަބްލިކް ވާރކްސްގެ ޚިދުމަތް ދިނުމާއި ތަރައްޤީކުރުމާ ބެހޭ ސިޔާސަތުގެ ގޮތުގައި މައިގަނޑު 6 ސިޔާސަތެއް އެކުލަވައިލާ ހިންގަވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެގޮތުން، ޕަބްލިކް ވާރކްސްގެ ދާއިރާއިން ކުރަން ޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ސިޔާސަތާއި، އިދާރީ ދާއިރާތަކުގައި އާންމު މަސައްކަތްތައް ކުރުމަށް ޓަކައި ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމް ކުރުމުގެ ސިޔާސަތާއި، ޕަބްލިކް ވާރކްސްގެ ދާއިރާއިން، އިދާރީ ދާއިރާތަކުގައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ ސިޔާސަތާއި، ޕަބްލިކް ވާރކްސް މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްސް، މެޝިނަރީސް އަދި އިކުއިޕްމަންޓްސް ހޯދުމާއި ތަރައްޤީ ކުރުމުގެ ސިޔާސަތާއި، ޕަބްލިކް ވާރކްސް މަސައްކަތްތަކަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ ސިޔާސަތާއި އަދި ޤުދުރަތީ ކާރިޘާތަކާއި ޙާދިޘާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ސިޔާސަތެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ޕަބްލިކް ވާރކްސްގެ 7 ޔުނިޓެއް މިހާރުވެސް އަތޮޅުތެރޭގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރ. މާކުރަތުގައި ޕަބްލިކް ވާރކްސް ޔުނިޓް އުފެއްދުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.