news photo

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކީ ރައީސް ޑރ. މުއިއްޒު: މިނިސްޓަރ އާދަމް ޝަރީފް

06 މާރިޗު 2024

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ.އަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރައްވެސް މިނިސްޓަރ ވިދާޅުވި ކައުންސިލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ރައީސް ޑރ. މުއިއްޒައްވުރެ ކުޅަދާނަ އެހެންބޭފުޅަކު ނެތްކަމަށާއި މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ކައުންސިލްތައް ހިންގުމުގައި ނުލިބޭ ބާރާއި ކައުންސިލްތަކާއި ސަރުކާރާއި ގުޅުވާޅަދިނުމަށް ކުރާ މަސައްކަތްތަކުގެ ދެވަނައެއްނެތް ރީތި މިސާލްތައް މިސަރުކާރުން ދައްކާނެ ކަމަށެވެ.

އަދި އިތުރަށް މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުން ވާހަކަދައްވަން ވަޑައިގަންނަވާއިރު މިނިސްޓަރު ސީދާ އެކައުންސިލްތަކާއި އެކު ހުންނަވާނެކަމަށާއި ސަރުކާރުން ބޭނުންވަނީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތަކަށް ލިބޭ އާމްދަނީއިތުރުކުރުވަން ކަމަށްވެސް ވިދާޅުވިއެވެ.