08 އޭޕްރީލު 2025
އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ތިނަދޫ ސިޓީގައި ފައްޓަވައިފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސާއި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ޚާއްޞަ ކުރެވިފައި ވަނީ، ގދ. އަތޮޅުގެ ކައުންސިލްތަކުގެ އަންހެން މެންބަރުންނަށާއި، ޑަބްލިޔޫޑީސީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ.
މިއަދު ހެނދުނު 10.15 ގައި ފެށުނު މި ތަމްރީނު ޕްރޮގްރާމުގައި އިޤްތިޞާދީ ގޮތުން އަންހެނުންނަށް ހުރި ފުރުޞަތުތަކާއި، އެ ފުރުޞަތުތައް ބޭނުން ހިފާނެ ގޮތްތަކާއި، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވާ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކާމިޔާބުކަމާއެކު ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީނު މި ޕްރޮގްރާމުގެ ތެރޭން ލިބިގެންދާނެއެވެ.
މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދާ، މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޠާހާ ނަޢީމް ބައިވެރިވެވަޑައިގަންނަވައެވެ.