01 ޖޫން 2024
2024 އިން 2028 އަށް ޢަމަލުކުރާނެ ޤައުމީ ތަރައްޤީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުމެއް މި ވުޒާރާއިން ބާއްވައިފިއެވެ. މިމަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެއްޓުމުގެ ގޮތުން ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި އެކްޝަން ޕްލޭނަކީ ރައީސުލް ޖުމުހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެރިކަމަށް ވަޑައިގެންނެވުމަށް އެކުލަވައިލި މެނިފެސްޓޯ، ތަންފީޒު ކުރުމަށާއި، އަދި މެނިފެސްޓޯ، ތަންފީޒު ކުރެވޭ މިންވަރު ޔަޤީން ކުރުމަށް ޓަކައި، މި ވުޒާރާގެ ހިއްސާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ތައްޔާރުކުރެވޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ކަމަށެވެ.
"މި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ނިމިގެންދާ އިރު ތިޔަ ހުރިހައި ބޭފުޅުންގެ ޚިޔާލުތައް އެއްކުރެވިގެން، އެކުލެވިގެން، އަޅުގަނޑުމެންގެ މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ކަންތައްތައް ތަންފީޒް ކުރުމުގައި ހުރިހައި ބޭފުޅުންގެ ވެސް ބައިވެރިވުން ވަރަށް މުހިންމުވާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލުމުގައި ވީހާވެސް ގިނަ ބައެއް ޝާމިލްކޮށްގެން ހުރިހައި ބޭފުޅުންގެ ޚިޔާލު އެއްގޮތްކޮށް ކުރިއަަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މިއަދު މިކުރެވޭ މަސައްކަތަކީކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި މިނިސްޓްރީން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުތައް ފުއްދުމަށް ޓަކައި ކުރަންޖެހޭ މުހިންމު ކަންތައް ހިމަނައި ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.
މި އެކްޝަން ޕްލޭނަށް ބޭނުންވާ މަޢުލޫމާތާއި، ސިޔާސަތުތައް ކަނޑައެޅުުމުގައި މިއަދުގެ ދަންފަޅީގައި މިނިސްްޓްރީގެ ވެރިންނާއި، މުވައްޒަފުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.