news photo

ކުރު މުއްދަތެއްގައި ކާމިޔާބު މަސައްކަތްތަކެއް

06 ޖޫން 2024

ކުރު މުއްދަތެއްގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ޕަބްލިކް ވަރކްސް އައްޑޫ ސިޓީ ހިތަދޫ ޔުނިޓުން ކޮށްފައިވާ ކަމުގައި ހިތަދޫ ޔުނިޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި މި ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ ހާމަކުރައްވައިފިއެވެ. ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ ޙަސަން ނާޒިލް މި ކަން ހާމަކުރެއްވީ އެ ޔުނިޓުން ކުރައްވަމުން ގެންދަވާ ކަންކަމާބެހޭ ގޮތުން މީޑިއާ ޔުނިޓުން ކުރި ސުވާލަކަށް ޖަވާބު ދެއަވަމުންނެވެ. ނާޒިލް ހާމަކުރެއްވި ގޮތުގައި ޕަބްލިކް ވަރކްސް ޔުނިޓުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސިޓީގެ ހުރިހައި ރަށްރަށެއްގެ ހާބަރ ޕޯސްޓްތަކަށް ކަރަންޓުލުމަށް ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތާއި، ހިތަދޫ ސުކޫލުގައި އަލަށް ޢިމާރާތްކުރަމުންދާ ބަޔަށް ވެލިއަޅައި ފަތުރައިދިނުމާއި، ސިޓީގެ ހުރިހައި އަވަށެއްގައި ކަދުރުރުއް އިންދައިދިނުމަށް ވަޅުކޮނެ ވަޅުތަކަށް ކަޅުފަސް އަޅައި ރުއް އިންދައި ފެންޖަހައި ބަލަހައްޓައި ދިނުމާއި، ފޭދޫ އަވަށުގެ ހިއްކި ބިމުގެ މަގުތައް ލެވެލްކޮށްދިނުމާއި، ހިތަދޫ ޓުއަރިޒަމް ޒޯނުގެ ބިން ސާފުކޮށް މަގުތައް ލެވެލްކޮށްދިނުން ފަދަ އެތައްއެތައް ކަމެއް އެ ޔުނިޓުން ވަނީ ކުރައްވާފައެވެ. އަދި މީގެ އިތުރުން ވިއްސާރަވެ ފެން ބޮޑުވުމުގެ ސަބަބުން އެ ސިޓީގެ ރަށްތަކަށް ދިމާވި މައްސަލަތައް ޙައްލުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް މި ޔުނިޓުން އަދާއިކޮށްފައިވާ ކަމަށް ނާޒިލު ހާމަކުރެއްވިއެވެ. މި ދުވަސްވަރު އެންމެ އިސްކަމެއްދީގެން އެ ޔުނިޓުން ކުރައްވަމުން އަންނަ ކަންކަމުގެ ތެރޭގައި ޝަރަފުއްދީނު ސުކޫލުގެ ޓާފް ޕިޗްގެ މަސައްކަތާއި، އަޟުޙާ ޢީދަށް ތައްޔާރުވުމަށް އެ ސިޓީގެ ރަށްތަކުގައި ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ލެވެއެވެ. މި ވުޒާރާގެ ޕަބްލިކް ވަރކްސް ހިތަދޫ ޔުނިޓުން އާންމުކޮށް ކުރައްވަމުން އަންނަ ކަންކަމުގެ ތެރޭގައި އެކިއެކި ބޭނުންތަކަށް ދުވާރުން ގާނަގައި ގާ އަތުރައި ދިނުމާއި، އެކި ބޭނުންތަކަށް ތާރުކަނޑައި ތާރުއަޅައިދިނުމާއި، ލިންކް ރޯޑް މަރާމާތުކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ.