news photo

ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެއްޖެ!

12 އޭޕްރީލު 2025

ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރަށްވެހީންގެ ސައްލާގެ ނަމުގައި، އއ. އުކުޅަހު ކޮންވެންސަން ސެންޓަރގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. 

މި މަޝްވަރާ ބައްދަލުވުމަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. 

މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ. 

”ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ " މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ. 

މި ބައްދަލުވުން ފެށުމުގެ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދެއްކިއަސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ވެފައި ވަނީ ސަރުކާރާއި، ކައުންސިލްތަކުން ކުރެވުނު މަސައްކަތްތަކުގައި ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށް ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެއެވެ.