news photo

ކުޅިވަރުގެ ތެރޭން މުޖުތަމަޢުގައި ނެތެމުންދާ ގުޅުންތެރިކަން ބަދަހިކުރުމަށް އިލްތިމާސް ކުރައްވައފި

29 ނޮވެމްބަރު 2025

ކުޅިވަރުގެ ތެރޭން މުޖުތަމަޢުގައި ނެތެމުންދާ ގުޅުންތެރިކަން ބަދަހިކުރުމަށް ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން އިލްތިމާސް ކުރައްވައފިއެވެ.

އަބްދުﷲ ކަމާލުއްދީނު މި ގޮތަށް އިލްތިމާސްކުރެއްވީ، ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީސް މިނިސްޓްރީއަށް ދެ އަހަރު ފުރުމާ ގުޅިގެން މުވައްޒަފުންގެ ގުރޫޕުތަކުގެ މެދުގައި މިއަދު ހެނދުނު ފެށި ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި ދެ މުބާރާތް ފެއްޓުމުގެ ގޮތުން ކުޅުނު މެޗު ކާމިޔާބުކޮށް، މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ޙާއްޞިލްކުރެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މި މެޗުގައި ބައްދަކުރީ މިނިސްޓަރގެ ޓީމާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބުރާހީމްގެ  ޓީމެވެ. މި މެޗު 3ލަނޑު 0ލަނޑުން ކާމިޔާބުކުރެއްވީ މިނިސްޓަރގެ ޓީމެވެ.

ފެށުމުގެ ގޮތުން ކުޅުނު މެޗަށް ފަހު މުބާރާތުގެ މެޗުތަކުގެ ކުޅުން ވަނީ ފެށިފައެވެ. ފުޓްސަލް ފުރަތަމަ މެޗުގައި ގްރީނާއި، ޕިންކު ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން އެ މެޗު ކާމިޔާބުކުރީ ގުރީނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރީންގެ 10 ނަންބަރު ޖަޒުލާނެވެ.

ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރ  ޢަބްދުﷲ ކަމާލުއްދީނު  ފައްޓަވައިދެއްވި  ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި  4 ޓީމަކުން ވާދަކުރެއެވެ. އެއީ ރެޑް، އޮރެންޖު، ޕިންކު އަދި ގްރީނެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީއަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ މި މުބާރާތްތައް ނިމޭނީ މިރޭގެ ވަގުތެއްގައެވެ.