news photo

ޤައުމެއްގެ އިޖުތިމާޢީ ތަރައްޤީގެ އަސާސަކީ އަންހެނުން: މިނިސްޓަރ

08 މާރިޗު 2026

ޤައުމެއްގެ އިޖުތިމާޢީ ތަރައްޤީގެ އަސާސަކީ އަންހެނުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި މެސެޖުގައެވެ. 

މިނިސްޓަރ ދެއްވި މި މެސެޖުގައި އިތުރަށް ވިދާޅުވީ ޢާއިލާގެ ބިންގަލަކީ އަންހެނުން ކަމަށެވެ. ދަރިން ބެލުމާއި، ތަރުބިއްޔަތުކުރުމާއި، ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އަންހެނުން އަދާކުރާ ދައުރު ބޮޑު ކަމަށެވެ. އޯގާތެރި، އަޅާލާ މުޖުތަމަޢެއް ބިނާވަނީ އެ ފަދަ އާއިލާތަކުން ކަމަށެވެ. އަދި އުފާވެރި ޢާއިލާއެއް ބިނާ ކުރުމާއި، ދިރިއުޅުން ބައްޓަން ކުރުމުގައި، އަންހެނުންގެ ދައުރު ފާހަގަ ކޮށްލަން ޖެހޭކަމަށް މިނިސްޓަރގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

"ރާއްޖޭގެ ސިޓީތަކާއި، އަތޮޅުތަކާއި، ރަށްތައް އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަރައި، އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމަށް ޓަކައި ރައްޔިތުންނާއެކުގައި މަސައްކަތްކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބާރުއަޅާ ކަމެކެވެ. އެ މަގުން ކަންކަން ތަރުތީބު ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެނީ ލާމަރުކަޒީ ނިޒާމުންނެވެ" މިނިސްޓަރ ވިދާޅުވިއެވެ.  

އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި މެސެޖުގައި ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރު ފުޅާކޮށް، އެ ކޮމެޓީތަކުގެ މަސައްކަތަށް ފަހިކަން ގެނައުމަށް ޓަކައި ފުރިހަމަ ކުރަންޖެހޭ ނިޒާމީ ކަންކަމާއި، އިދާރީ ކަންކަމާއި، އަދި ތިޖާރީ ކަންކަން ވެސް މިހާރު ދަނީ ކުރަމުންނެވެ.