08 މާރިޗު 2026
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްއަކީ ކަނބަލުންނަށް ފަހި ފުރުޞަތުތަކެއް ހުރި މިނިސްޓްރީއެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރިގައި ރޭ ބޭއްވި ޙަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ މިނިސްޓްރީގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ކަނބަލަކަށް ވީތީ ވަކި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ. އަދި އެ ފަދަ ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ރޭގެ ޙަފުލާގައި ޝުޢޫރު ފާޅުކުރެއްވި ކަނބަލުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރ ވިދާޅުވީ އެ މަނިކުފާނު އުންމީދު ކުރައްވަނީ ހުރިހާ ކަނބަލުން ވެސް އެކީ އެކައްޗެއްގެ ގޮތުގައި އަތުގުޅައިގެން މަސައްކަތް ކުރުމަށްކަމަށެވެ.
"ކަނބަލުންގެ ވާހަކަތަކުން އެނގިގެން ދިޔައީ މިނިސްޓްރީއަކީ އަންހެނުންނަށް ފަހި ފުރުޞަތުތަކެއް އޮތް ތަނެއް ކަން" މިނިސްޓަރ ވިދާޅުވިއެވެ.
"މި މުއައްސަސާގެ ތެރެއިންވެސް ކަނބަލުންގެ ބާރުވެރިކަން އިތުރު ކުރުމާއި، ހުނަރު ވެރިކަން އިތުރުކުރުމަށް ފުރުޞަތު އޮތްކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ ރެޔެއް މިރެޔަކީ"
ރޭ އޮތް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އަންހެނުންގެ ހިންގުންތެރިކަމާއި، މުޖުތަމަޢުގައި އަންހެނުންގެ ބާރުވެރިކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.