news photo

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

20 ޖުލައި 2024

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތަން ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނަވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

"ރާއްޖޭގައި މިއަދު ހިނގަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތަން ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

"ނާރެސް" ޕޯޓަލް އިފްތިތާޙްކޮށް އޮޕަރޭޝަން "ކުރަނގި"ގެ ދެ ވަނަ ފިޔަވަހި ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމުގައެވެ. އަދި އެ ބަދަލުތަކަކީ ކައުންސިލްތަކުން ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެދުމުގެ މަސައްކަތް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރިއަށް ގެންދަވާނެ ކަމުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިއަދު ވެސް ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއް ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވެ ދެއްވީ އެ މަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި އިރު ކައުންސިލްތައް ހަތަރު ވަނަ ދަރަޖައިގައި އޮތް ނަމަވެސް މިއަދު ކައުންސިލްތަކުގެ ދަރަޖަ ތިނަކަށް ބަދަލުކޮށްފައި ވާކަމުގައެވެ.

މީގެ އިތުރަށް ވެސް ބާވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ކައުންސިލްތަކުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވުމުގެ ވިސްނުންފުޅު ހުންނެވިކަން ހާމަކޮށްދޭ ނިންމުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ޕީއެސް.އައި.ޕީގެ ދަށުން ޢިމާރާތްކުރުމަށް 55 ކައުންސިލެއް ހަމަޖެހިފައިވާ އިރު އޭގެ އިތުރުން 50 ކައުންސިލެއް ޢިމާރާތްކުރުމަށް ނިންމެވުމަކީ ރާއްޖޭގެ ކައުންސިލްތަކުގައި ރަނގަޅު މާޙައުލެއް ޤާއިމްކޮށް ކައުންސިލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމަށް ވިސްނުންފުޅު ހުންނެވި ކަން ހާމަވާ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙް ގެނައުމަށް ބޭނުންވާ ދިރާސާގެ ނަތީޖާ އަންނަ މަހު ޤައުމީ ޔުނިވަރސިޓީން ލިބުމުން، ރައްޔިތުންނާ ކަމާ ގުޅޭ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ހުޅުވައިލެވި އެ މަޝްވަރާ ނިމުމުން އެ ޤާނޫނަށް ފުރިހަމަ އިޞްލާޙުތަކެއް ގެނޭވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.