މަގުބައްތީގެ މައްސަލާގައި ވަޒީރުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނިމި ދިޔަ ހަފުތާގައި އެކްސްގައި ވަޒީރު ކުރައްވައިފައިވާ ޕޯސްޓެއްގައި ހާމަކުރައްވައިފައިވާ ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މަގުބައްތިތަކުގައި އީ.އެލް.ސީ.ބީ ހަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އެ ކަން ކުރުމަށް ޓަކައި ކައުންސިލުތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ، ފެނަކައާ، ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއާ މަޝްވަރާކުރައްވާނެ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު މެންދުރު ފަހު ވަނީ ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއާއި، ފެނަކަ ކޯޕަރޭޝަނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. ވަކިވަކިން ވަޒީރު ބޭއްވެވި މި ބައްދަލުވުންތަކުގައި ވަޒީރުގެ ކަންބޮޑުވުން މި ކަމާ ގުޅިގެން އޮތްކަން ހާމަކުރައްވާފައިވެއެވެ.
ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް، ސާކިއުޓް ބްރޭކް، އީ.އެލް.ސީ.ބީ ހަރުނުކުރާ މަގުބައްތިތައް މި މަހަށް ފަހު ކަރަންޓު ދިނުން ހުއްޓާލުމަށް ފެނަކައިން ނިންމާފައިވުމާ ގުޅިގެން އަވަސް ގޮތެއްގައި ރަށްރަށުގެ މަގުބައްތި މިންގަނޑަށް ފައްތާ، ރަށްޔިތުންނަށް މި ކަމުގެ ދަތި އުނދަގޫ ނުވާނެ ގޮތަކަށް މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދާ ބައްދަލުކުރައްވައި ވަޒީރު ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި މި މަސައްކަތްކޮށް ނިންމުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ މަސައްކަތެއް ކަމަށް ވާތީ، އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުތަކުން ފޯރުކޮށް ދެއްވައިފި ނަމަ އެ މަސައްކަތް އެ ކުންފުނިން ކޮށްދެއްވާ ގޮތަށް، ތިއްބެވި ކަމަށެވެ.
ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއާއެކު ވަޒީރު ކުރެއްވެވި މަޝްވަރާގައި، ރައްޔިތުންނަށް މަގުބައްތީގެ އަލި ނުލިބި ނުދާނެ ގޮތަކަށް މައްސަލަ ޙައްލުކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވައިފައި ވެއެވެ. އެ ގޮތުން ކޮންމެ ރަށެއްގައި ވެސް މުޖުތަމަޢުގެ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދުތަކުގެ މަގުބައްތިތައް، ކޮންމެހެން ނަމަވެސް ރައްކާތެރި މިންގަނޑަށް ގެނެސް، އަދި ރަށުތެރެ މުޅިން އަނދިރި ނުވާނެ ފަދަ ގޮތަކަށް މައްސަލަ ޙައްލުކުރެވެން ފަސޭހައިން އޮތީ ކިހިނެއްތޯ ބެއްލެވިއެވެ.
މި ދެ ބައްދަލުވުމުގައި ވެސް އަތޮޅުތައް ބެލެހެއްޓެވުމާ ޙަވާލުވެ ތިއްބެވި ކްލަސްޓަރތަކުގެ ވެރިން ބައިވެރިވެ ލެއްވިއެވެ. އުންމީދުކުރެވެނީ ވަޒީރުގެ މި ކަންބޮޑުވުމާ ގުޅިގެން އަވަސް ޙައްލެއް މަގުބައްތިތަކަށް ލިބި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވެގެން ދާނެ ކަމަށެވެ.