news photo

މަސްތުވާތަކެތީގެ ސަބަބުން އާއިލާތަކާއި ކުރިއަށް އޮތް ޖީލަށް ބޮޑެތިގެއްލުންތަކެއްވެ މުޅިގައުމު ހަނާވެހިނގައިދާނެ ކަމުގެ ބިރު އެބައޮތް: މިނިސްޓަރ އާދަމް ޝަރީފް

02 ފެބްރުއަރީ 2024

މުޅިދިވެހިރާއްޖެ މަސްތުވާތަކެތީގެ އަވާގައި ޖެހުމުގެ ސަބަބުން އާއިލާތަކާއި ކުރިއަށް އޮތް ޖީލަށް ބޮޑެތި ގެއްލުންތަކެއްވެ ، މުޅި ގައުމު ހަނާވެގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. މަތިވެރީގައި ކުރިއަށް ދިިޔަ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަލަފް ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިމަހާސިންތާގައި މަސްތުވާތަކެތީގެ ނުބައިކަމާއި،އެތަކެތީގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަށް ތަބާނުވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށާއި އެފަދަކަންކަން ހައައްލުކުރުމަށް މުއައްސަސާތައްގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭކކަމަށާއި، އެހެން އެކަން ނުވެއްޖެނަމަ ކުރިމަތިވާނީ ކޮންފަދަ ހާލަތެއްކަން ވެސް ބުނެދެން ދަތިވާކަމަގައި ވިދާޅުވިއެވެ.

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް ރައްޔިތުންނަށް ހެޔޮވިސްނުން ވިސްނައިދިނުމާއި، ކަންއޮންނަންވީގޮތް ބުނެދިނުމުގައި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމަށް އެންމެ ރަގަޅު އެއްބަޔަކީ މަދަނީ ޖަމިއްޔާތައްކަންވެސް ފާހަގަކުރެއްވިއެވެ.