06 މާރިޗު 2025
އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއަށާއި، އާންމު ޚިދުމަތްތަކުގެ ގޮތުގައި ގިނަގުނަ މަސައްކަތްތަކެއް، އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން ނިމި ދިޔަ ފެބުރުވަރީ މަހު ކޮށްފިއެވެ. މި ކަން ހާމަކުރެއްވީ ޔުނިޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޙަސަން ނާޒިލެވެ.
ނާޒިލް ހާމަކުރެއްވި ގޮތުގައި އެ ޔުނިޓުން ފެބުރުވަރީ މަހު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެމް.އެން.ޑީ.އެފް އެއަރކޯގެ މަސައްކަތްތަކާއި، ސިޓީ ކައުންސިލަށް ބޭނުންވާ 989 ޓަނުގެ ވެލި ޖަމާކޮށްދިނުމާއި، ލިންކު ރޯޑުގެ އަރިމަތި ސާފުކޮށް ބެލެހެއްޓުމާއި، ހިތަދޫ، ފޭދޫ އަދި މަރަދޫފޭދޫ ސަރަޙައްދުގެ ލިންކު ރޯޑުގެ ތާރުގަނޑުން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމާއި، ގޯތި ދޫކުރާ ސަރަޙައްދު ސާފުކޮށްދިނުން ފަދަ އެތައް މަސައްކަތެއް ކުރެވިފައި ވެއެވެ.
އައްޑޫ ޕަބްލިކް ވާރކްސް ޔުނިޓުން ފެބުރުވަރީ މަހު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކުޅިވަރު ކޯޓުތައް ރަނގަޅުކޮށްދިނުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެ ގޮތުން ހިތަދޫ ޔޫތު ސެންޓަރގެ ގޯތިތެރޭގައި ވޮލީ ކޯޓެއް ހެދުމަށް ބިން ތައްޔާރުކޮށްދިނުމާއި، އާ ސްވިމިންގ ޓްރެކް އެޅުމަށް ޓަކައި އެހީތެރިވެދިނުމާއި އަދި ފޭދޫ ވޮލީ ކޯޓަށް ވެލިއަޅައި ބިންގަނޑު ލެވެލްކޮށްދިނުން ފަދަ ކަންކަން ކުރެވިފައި ވެއެވެ.
މީގެ އިތުރުން ފެބުރުވަރީ މަހު އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން ކުރި މަސައްކަތްތަކުގެ ތެރޭގައި ހިތަދޫ ޑްރައިވިންގ ޓްރެކްގެ މަސައްކަތާއި، ހިތަދޫ އިންޑަސްޓްރިއަލް ޒޯންގެ މަގުތަކުގެ މަސައްކަތާއި، ބާބަކިޔޫ ސަރަޙައްދާއި، މަރަދޫފޭދޫ ސުކޫލްކައިރީ އޮތް ހުސްބިން ސާފުކޮށް، ޕާކިން ޒޯން ހެދުމުގެ މަސައްކަތާއި، އެޗްއާރުސީއެމް ކައިރި ސާފުކޮށްދިނުމުގެ އިތުރުން ރޯދަ ހަދިޔާ ބެހުން ފަދަ މަސައްކަތްތައް ވެސް ކުރެވިފައި ވެއެވެ.